ޔޫކްރޭނުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި 600 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން މޮސްކޯއަށް އަމާޒުކޮށް ދިން މިފަދަ އެންމެ ބޮޑު އެއް ހަމަލާއެވެ.
މޮސްކޯގެ މޭޔަރު ސަރގޭ ސޮބްޔާނިން ވިދާޅުވި ގޮތުގައި ވެރިރަށަށް އަމާޒުކޮށް މަދުވެގެން 637 ޑްރޯން ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން 197 ޑްރޯން ވަނީ ދިފާއީ ބާރުތަކުން ވައްޓާލާފައެވެ. މި ހަމަލާތަކުގައި 10 އަހަރުގެ އަންހެން ކުއްޖަކު ހިމެނޭހެން މަދުވެގެން ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މީހުން ދިރިއުޅޭ ބައެއް އިމާރާތްތަކަށާއި ވައިލްޑްބެރީސް ކުންފުނީގެ ގުދަނަކަށް ގެއްލުންވެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޮސްކޯގެ ހަތަރު އެއާޕޯޓެއްގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. މޮސްކޯގެ އިތުރުން ރިޔާޒާން އަދި ބްރިޔާންސްކް ސަރަހައްދަށް ވެސް ޔޫކްރޭނުގެ ޑްރޯން ހަމަލާތައް އަމާޒުވެ، އެ ސަރަހައްދުތަކުން އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން، ރަޝިޔާއިން ވެސް ވަނީ ޔޫކްރޭނަށް އަމާޒުކޮށް 147 ޑްރޯން ފޮނުވާލާފައެވެ. ޔޫކްރޭނުގެ ވައިގެ ސިފައިން ހާމަކުރި ގޮތުގައި އޭގެ ތެރެއިން 111 ޑްރޯން ވަނީ ދިފާއުކޮށް ވައްޓާލާފައެވެ. އެހެންނަމަވެސް، ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރޭނުގެ ޚާރްކީވް، ޒަޕޮރީޜިޔާ، ޚާރސަން، ޑޮނެޓްސްކް އަދި ސުމީ ސަރަހައްދުން ބައެއް އާންމުން މަރުވެ އަނިޔާވެފައިވާ ކަމަށް ޔޫކްރޭނުން ބުނެއެވެ.


