އެމެރިކާގެ ދެ ސިފައިން މަރާލައި، އިތުރު ބަޔަކަށް އަނިޔާވި ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަށް "އަވަސް އަދަބެއް ދިނުމަށް" އެމެރިކާގެ އަސްކަރިއްޔާއިން އާ ހަމަލާތަކެއް އީރާނަށް އާދީއްތަ ދުވަހު ދީފިއެވެ. މިއީ އެމެރިކާއިން ޖެހިޖެހިގެން އީރާނަށް ވައިގެ ހަމަލާދިން އަށްވަނަ ރެއެވެ.
އީރާނުގެ މެހެރް އަދި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުވެފައިވަނީ ހޯރްމުޒްގާން ޕްރޮވިންސްގެ ސިރިކް ސަރަހައްދަށާއި ގޭޝްމް އައިލެންޑަށެވެ. މީގެ އިތުރުން ހޫޒެސްތާން ޕްރޮވިންސްގެ ޝަދޭގާން ކައިރީގައިވާ ތަނަކަށްވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި، އާންމުންގެ ގެދޮރަށާއި ވިޔަފާރިތަކަށް ގެއްލުން ވެފައި ނުވާ ކަމަށް އީރާނުން ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު އުޅަނދުފަހަރަށް އީރާނުން ދެމުންދާ ނުރައްކާތައް ހުއްޓުވުމަށް ދިން ހަމަލާތަކެއް ކަމަށެވެ. އަދި މިއީ އުރުދުންގައި ހުންނަ އެމެރިކާގެ ބޭހަކަށް އީރާނުން ދިން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާގައި އެމެރިކާގެ ދެ ސިފައިން މަރުވުމާ ގުޅިގެން ދިން ރައްދު ހަމަލާތަކެއް ކަމަށްވެސް އެ ކޮމާންޑުން ބުނެފައިވެއެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ ބޭހަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ވަނީ ބުނެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުވެއިތުގައި ހުންނަ އަލް-އަދީރީ ކޭމްޕްގެ ހަތިޔާރު ގުދަނަކަށާއި އަލީ އަލް ސާލިމް ބޭސްގެ ރާޑަރު ސިސްޓަމްތަކަށް ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާތަކުގެ ކުރިން އީރާނުގެ އެންމެ މަތީ ލީޑަރު ވަނީ، އެމެރިކާއިން އީރާނަށް ހަމަލާދިނުން ކުރިއަށް ގެންދާނަމަ "ހަނދާނުން ނުފޮހެވޭނެ ފަދަ ފިލާވަޅުތަކެއް" ލިބޭނެ ކަމަށް އިންޒާރު ދެއްވާފައެވެ. އީރާނުން ބުނާ ގޮތުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން 50 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން އީރާނުގެ އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދިފައިވާ ކަމަށް ތެހެރާނުން ރިޕޯޓްކުރާ ނޫސްވެރިން ބުނެއެވެ. މި ހަމަލާތައް ކުރިއަށްދާނެ މުއްދަތަކާއި، މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ލިބިދާނެތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.


