ޗައިނާގެ ހަތަރުވަނައަށް އެންމެ މަތީ ރޭންކުގެ އޮފިޝަލް، ވާންގް ހޫނިންގް، އުތުރު ކޮރެއާގެ ވެރިކަންކުރާ ވޯކާސް ޕާޓީގެ އިސް އޮފިޝަލަކާ ޕިއޮންގްޔަންގްގައި ބައްދަލުކުރައްވައިފިއެވެ. ރޮއިޓާސް ނިއުސް އެޖެންސީން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ (ކޭ.ސީ.އެން.އޭ) އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
ޗައިނާގެ ވަފުދު ބުދަ ދުވަހު އުތުރު ކޮރެއާއަށް ވަޑައިގެން ބައްދަލުކުރެއްވީ ވޯކާސް ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ޖޯ ޔޮންގް ވޮންއާއެވެ. މި ބައްދަލުވުމުގައި ވާންގް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިދިޔަ މަހު އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން އެއްބަސްވި ކަންކަން ތަންފީޒުކުރުމަށް ޗައިނާ ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.
މިދިޔަ މަހު ރައީސް ޝީ އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބޭއްވި ސަމިޓުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ގުޅުން ވަރުގަދަކުރުމަށްޓަކައި "ދުރު ރާސްތާގެ ބްލޫޕްރިންޓެއް" އެކުލަވާލާފައިވެއެވެ. މި ދަތުރުފުޅުގައި ޝީ ވަނީ ޑިޕްލޮމެޓިކް، ގާނޫނީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާފައެވެ.
އުތުރު ކޮރެއާއިން ފަހަކަށް އައިސް ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ނަމަވެސް، ޗައިނާއަކީ އަދިވެސް އެ ގައުމުގެ އެންމެ ބޮޑު އިގްތިސާދީ ބައިވެރިޔާއެވެ. މި ހަފުތާގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް 65 އަހަރު ފުރުން ފާހަގަކޮށް، ވިޔަފާރި، ސަގާފަތް އަދި އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ސޯލްގެ ޔުނިވާސިޓީ އޮފް ނޯތު ކޮރެއަން ސްޓަޑީޒްގެ ޕްރޮފެސަރު ޔަންގް މޫ-ޖިން ވިދާޅުވި ގޮތުގައި، މިފަދަ މަތީ ފަންތީގެ ބައްދަލުވުންތަކުން ފެންނަނީ ދެ ގައުމުގެ މެދުގައި އޮތް މަސްލަހަތުތަކެވެ.
"އުތުރު ކޮރެއާއިން ބޭނުންވަނީ ޗައިނާގެ އިގްތިސާދީ އަދި ޖިއޯޕޮލިޓިކަލް އެހީތެރިކަން، އަދި ޗައިނާއިން ބޭނުންވަނީ ކޮރެއާ ޕެނިންސިއުލާގައި އެ ގައުމުގެ ނުފޫޒު ދެމެހެއްޓުމަށް" ކަމަށް އޭނާ ވިދާޅުވިއެވެ.


