ރާއްޖެއާއި އިންޑިއާގެ އިގުތިޞާދީ ގުޅުމުގެ މުސްތަޤުބަލު ބިނާވެފައިވަނީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ. ސަފީރު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ވުޒާރާއިން ސިލްސިލާކޮށް ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވެއެވެ. އެގޮތުން ބ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ކުންފުންޏެއް އޮތްއިރު، މިއަހަރުގެ ތެރޭގައި އިތުރު އިންވެސްޓްމެންޓެއް ފެށުމަށް އިންޑިއާގެ ކުންފުންޏަކުން ތައްޔާރުވަމުންދާ ކަމަށާއި، ރާއްޖޭގައި ރިސޯޓްތައް އިތުރުކުރުމަށްޓަކައި އިންޑިއާގެ 6 ނުވަތަ 7 ކުންފުންޏެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށި، އޭގެ "ޓާމްސް އޮފް ރިފަރެންސް" ގައި މިހާރު ސޮއިކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތަކީ މިހާރު އޮތް ސާކްގެ އޮނިގަނޑަށްވުރެ ފުޅާ "ސަފްޓާ ޕްލަސް" ފެންވަރުގެ އެއްބަސްވުމަކަށް ދިއުމަށް ކުރެވޭ މަސައްކަތެކެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިންނަށާއި އިންޑިއާ މީހުންނަށް މުދަލާއި ހިދުމަތް އެކްސްޕޯޓްކުރުމުގައި ހުރި ހުރަސްތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި މިހާރުވެސް ޑިއުޓީއެއް ނުނަގާކަން ފާހަގަކުރައްވައި، އާ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ހިދުމަތްތަކުގެ ވިޔަފާރިކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވިއެވެ.


