އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އާސާމްގައި އެ ގައުމުގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.
އިންޑިއާގެ އެއާފޯސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭއެން-32 އެންޓޯނޯވް މަރުކާގެ މި ޓްރާންސްޕޯޓް ބޯޓު ހާދިސާ ދިމާވީ އާސާމްގެ ޖޯރްހާތު ސަރަހައްދުގައި ކުރިއަށްދިޔަ އާދައިގެ ދަތުރެއްގެ ތެރެއިން ކަމަށެވެ.
އެއާފޯސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިހާރު ދަނީ ބޯޓު ވެއްޓުނު ސަރަހައްދު ބެލެހެއްޓުމާއި އިބްތިދާއީ ތަހުގީގުތައް ހިންގަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
އިންޑިއާގެ ނިއުސް ޗެނަލެއް ކަމަށްވާ އެންޑީޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ބޯޓު ވެއްޓުނު ސަރަހައްދުން ބޯ ކަޅު ދުން އަރަމުންދާއިރު، ބޯޓު އޮތީ އެކި ބައިބަޔަށް ބިންދައިގެން ގޮސްފައެވެ.
އިންޑިއާގެ ވައިގެ ސިފައިން މީހުންނާއި މުދާ އުފުލުމަށްޓަކައި 105 ވަރަކަށް އޭއެން-32 މަރުކާގެ ބޯޓު ބޭނުންކުރެއެވެ. މި ބާވަތުގެ ބޯޓެއް އެންމެ ފަހުން ނުރައްކާތެރި ހާދިސާއެއްގައި ވެއްޓިފައިވަނީ 2019 ވަނަ އަހަރު އަރުނާޗަލް ޕްރަދޭޝްގައެވެ. އެ ހާދިސާގައި 13 މީހުން މަރުވެފައިވެއެވެ.


