ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަނަށް ނިމިދިޔަ އަހަރު އެކަނިވެސް 437 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ޕީސީބީގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ފެނަކައަށް މިދިޔަ އަހަރު 208 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު، މިއީ 2023 ވަނަ އަހަރު ލިބުނު 811 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު ކުޑަ ކުރިއެރުމެކެވެ. ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ. ފެނަކައަށް މިފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދަނީ ސިޔާސީ ބޭނުމަށް އިއުލާނު ކުރުމެއް ނެތި ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން އައްޔަންކުރުމާއި ކޮރަޕްޝަންގެ ސަބަބުން ކަމަށް ތުހުމަތު ކުރެވެއެވެ.
މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް އުފުލަން ޖެހުނީ އާރްޑީސީއަށެވެ. އެ ކުންފުންޏަށް 229 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރު ލިބުނު 173 މިލިއަން ރުފިޔާގެ ގެއްލުމަށްވުރެ ބޮޑު އަދަދެކެވެ. މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އެ ކުންފުންޏަށް 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ފާހަގަކުރެވެއެވެ. ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ 2021 ވަނަ އަހަރުގެ ފަހުން އާރްޑީސީގެ އޮޑިޓެއް ހަދާފައި ނުވުމެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާކަން ވެސް ޕީސީބީގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން 2023 ވަނަ އަހަރު 35,000 ގައި ހުރި މުވައްޒަފުންގެ އަދަދު މިދިޔަ އަހަރު ނިމުނުއިރު ވަނީ 39,000 އަށް އަރާފައެވެ. އަދ ިމި ދެ ކުންފުންޏަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ޝަކުވާ އެންމެ ބޮޑަށް އަމާޒުވެފައިވާ ދެ ކުންފުންޏެވެ.
އެގޮތުން އާރްޑީސީ ކުންފުންޏަށް މިދިޔަ ދެ އަހަރު ގެއްލުންވެފައިވާ އިރު އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއން އަންނަނީ ބަލަމުންނެވެ. މިދިޔަ އަހަރު އޭސީސީ އާންމުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.


