މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.
ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ އެ ދާއިރާގެ ގިނަ ބައެެއްގެ އެދުުމުގެ މަތިން ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.
"ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑު ވާނެ،" ނަރީޝް ވިދާޅުވި އެެވެ.
ނަރީޝް ވިދާޅުވި ގޮތުގައި، އޭނާގެ އެދުމަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މެންބަރުން އޭނާ އަށް ތާއިދުކޮށް، ޕްރައިމަރީ ކާމިޔާބި ކޮށްދިނުމެވެ.
މާލޭ ސިޓީ ކައުންސިލް ހިންގުމަށް ނަރީޝް ވަގުތީ ގޮތުން ހަވާލުވެޑައިގަތީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އަންނަ މަހު އެމަނިކުފާނު ހުވާކުރައްވަން ދެން މި ހިނގާ އިންތިގާލީ މަރުހަލާގެ ކަންކަން ކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން މޭޔަރުގެ ޒިންމާތައް ދޫކޮށްލެއްވުމުންނެވެ.


