Wednesday, 29 July 2026
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަނިންމޭޓަކަށް ހަމަޖެއްސެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް- ފޮޓޯ ވަން އޮންލައިން

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަސްލަމް

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި އަސްލަމް، ރަނިންމޭޓަކަށް ކަނޑައަޅަން ނިންމެވުމުން އޭނާ މިހާރު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމުގެ ވެސް ޑީޖޭއޭ އަށް ހުށަހަޅުއްވައިފަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެފައިވާ އަސްލަމް މިހާރު ވެސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް އައްޑޫގަ އެވެ.

އަސްލަމަކީ އެމްޑީޕީގެ ތިއްބެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ބޮޑު ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ. އޭނާ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާތާ ވެސް 15 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ.

ރައީސްގެ ރަނިންމޭޓުންގެ ލިސްޓުގައި އަސްލަމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމު ވެސް ކުރިން ހިމެނުނެވެ. ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި އަސްލަމް އިހްތިޔާރު ކުރެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ސޯލިހް ކުރިން ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ރަނިންމޭޓެއް ކަނޑައަޅުއްވާނެ އެވެ. އަދި އެއީ އެމަނިކުފާނަށް ނިންމަވަން ޖެހިވަޑައިގެންފައި އޮތް އުނދަގޫ ނިންމެވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *