މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެއްޖެއެވެ.
މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މިހާރު ވެހެމުންދާ ވާރޭގައި އައިޖީއެމްއެޗް ސަރަހައްދާއި ހޮސްޕިޓަލްގެ ފަހަތުން އޮންނަ އަމީނީ މަގުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި މަޖީދީ މަގުގެ ބޮޑު ބައެއްގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ، ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މިހާރު އައިޖީއެމްއެޗް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދު ހުންނާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.


