ރާއްޖޭގެ ފުޓުބޯޅައަށް ކުރި އެރުންތަކެށް ހޯދައި ދިނުމުގެ މަގުސަދުގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ހައްސަ ފުޓުބޯޅަ އިވެންޓް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
ގިނަ ދުވެސްތަކެށް ވަންދެން އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަލީ ވަހީދު ވަނީ މި އިވެންޓުގެ ވާހަކަ ވިދާޅުވެފައެވެ. އަލީގެ އުފަންދުވަހު ރަސްމީކޮށް ފަށާ މި ހަރަކާތަކީ ރާއްޖޭގެ ފުޓުބޯޅައަށް އާ ދިރުމެށް ގެނައުމުގެ މަގުސަދުގައި ފަށާ ހަރަކާތެކެވެ.
އަލީ އެންމެ ފަހުން މަސައްކަތް ކުރީ ލަންޑަންގެ ނޮން ލީގުގެ ކްލަބް، ސްޕޯޓިން ލަންޑަނުގެ ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ވިމްބެލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް އެ ކްލަބަށް މިދިޔަ މެއި މަހު ކާމިޔާބުކޮށްދިނެވެ. އަދި އެސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ވަނީ ހޯދާފައެވެ.
މި މަހު 11ގައި މާލެ ވަޑައިގެން ރަސްމީ ފާލަން ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، މިހާރުގެ ވިސްނުން ހުރީ ފުޓުބޯޅައިން ކުރިއަށް ދިޔުމަށް ކަމަށާއި އެހެން ކަމުން ރާއްޖޭގެ ފުޓުބޯޅަ ކުރި އެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ހޯމް އަވޭ ގޭމްގެ އުސޫލުން ލީގު ކުޅެން ޖެހޭ ކަމުގައި އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ސަބަބުން ފުޓުބޯޅައިގެ ފޯރި އަތޮޅު ތެރޭގައި އިތުރަށް ގަދަވެގެން ދާނެ ކަމުގައިވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ އިވެންޓް އޮންނާނީ ހިރިޔާ ސުކޫލުގައެވެ. 20:30 ގައި ފަށާ މި އިވެންޓުގައި ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް އުންމީދީ ހަބަރުތަކެށް އަޑު އިވިގެންދާނެ ކަމުގައި އަލީ ވަނީ ވިދާޅުވެފައެވެ.


