ހިޖުރީ އައު އަހަރާ ގުޅުވައި ކައުބަތުﷲ ގެފުޅުގެ ކިސްވާ (އުރަކޮޅު) ރޭ ބަދަލު ކޮށްފިއެވެ.
ފާއިތުވި އަހަރުތަކުގައި ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅުވައި ހައްޖު ދުވަހުއެވެ. ހިޖުރީ އައު އަހަރާ ގުޅުވައި ކިސްވާ ބަދަލު ކުރަން ފެށީ މިދިޔަ އަހަރުއެވެ. އެގޮތަށް ނިންމާފައި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ގަރާރަކުންނެވެ.
ގެފުޅުގެ އުރަކޮޅު ވިޔަނީ އެކަމަށް ހަދާފައިވާ ފެކްޓްރީއެއްގައި އެކަމަށް، ޚާއްޞަކޮށް އުފައްދާފައިވާ މެޝިނަކުންނެވެ. ދިގުމިނުގައި 16 މީޓަރު ހުންނަ މި މެޝިނަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ވިޔާ މެޝިނެވެ. މިމެޝިނަކީ މުސްލިމުން އުފައްދާފައިވާ މެޝިނެކެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމުގައި 670 ކިލޯގްރާމްގެ ފަށުވި ބޭނުންކުރެއެވެ. އަދި ޚާލިސް ރަނާއި ރިހީގެ 120 ކިލޯގްރާމް ރޮދި ބޭނުންކުރެއެވެ. ކިސްވާގައި ފަވާނަގާފައިވާ ޢަރަބި ލިޔުންތައް ތައްޔާރުކޮށްފައިވަނީ ޚާލިސް ރަނާއި ރިހީގެ ރޮދިންނެވެ.


