ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިހް މިކަމަށް އެދިވަޑައިގަތީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ހިތާބު ގައެވެ. މި ހިތާބުގައި ރައީސް ވަނީ ހިޖުރައިގެ ހާދިސާގެ އިބުރަތްތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ހިޖުރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ އެންމެ މުހިއްމު އެއް މަގުސަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުން އަބަދުވެސް ހަނދާންކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ހިޖުރައިގެ ހާދިސާގެ ކުރި އާއި ފަހަށް ބެލި ނަމަވެސް ފެންނަނީ މިނިވަންކަމާއި ހަމަޖެހުމާއި ސުލްހަވެރިކަމަށް އިންސާނީ ތޮބިއްޔަތު ބޭނުންޖެހިފައިވާ މިންވަރެވެ. ހިޖުރައިގެ ހާދިސާއަށް ފަހު އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ސަބަބުން އިންސާނުންނަށް ލިބޭ ކުރިއެރުން ފެނިގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
"ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.


