ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.
މެންބަރު ޝަރީފު ހުށަހެޅުއްވި އެ މައްސަލަ އަށް ބަހުސް ކުރުމަށް މިއަދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ވަނީ ބަހުސް ފަށައިފަ އެވެ. އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް އިންކާރުކުރައްވާ ކަމަށެވެ. އަދި އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
"މިއީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. ޖުމްލަ ގޮތެއްގައި އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ނަޝީދު އެގޮތަށް އަމަލު ކުރައްވާފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒަށް ނަޝީދު އަރައިގަތް މައްސަލަ ބަލައިދިނުމަށް ޝަރީފް ހުށަހެޅުއްވި އެވެ.
މައްސަލަ މަޖިލީހަށް ބަލައިގަތުމުން އެ މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ވަނީ ޝަރީފަށް ފުރުސަތު ދެއްވާފަ އެވެ. އެ ފުރުސަތުގައި މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރީފް ވަނީ މިމައްސަލަ ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ.


