ދީނުގެ މަތީގައި ސާބިތުވެ ތިބުމަށާއި، އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށާއި، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ދީނުގެ ހާއްސަ އިސްލާމީ ތަރުބިއްޔަތު ދެއްކުމަށް ދިވެހިރާއްޖޭގެ ހުކުރު ޚުޠުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.
މިއަދުގެ ޚުޠުބާގެ މަޢުޟޫޢަކީ "އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" މިއެވެ. މި މަޢުޟޫގެ ދަށުން އިންސާނިއްޔަތަށް ފުރިހަމަ މަގުދެއްކުމެއް އިސްލާމްދީން ފޯރުކޮށްދޭކަމަށާއި، ރިވެތި އަޚްލާޤާއި ހެޔޮ ޢަމަލުތައް ދެމެހެއްޓުމަށް މުއުމިނުންނަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
މީގެއިތުރުން، ދީނީ ވާޖިބުތަކަށް ފަރުވާކުޑަކުރުމާއި، އިސްލާމީ ތައުލީމުތަކާ ފުށުއަރާ ސަގާފީ އާދަކާދަތަކާއި އަޚްލާޤީ މިންގަނޑުތައް ޤަބޫލުކުރުމާ ދެކޮޅުވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.
އީމާންތެރިކަމާއި އިސްލާމީ ވަނަވަރު
އިސްލާމީ ކުރީގެ ތާރީޚުން މިސާލު ނަގަމުން، ހަރުކަށި އަނިޔާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އީމާންތެރިކަންމަތީ ސާބިތުވެ ތިއްބެވި ކީރިތި ރަސޫލާގެ ޞަޙާބީން ކަމުގައިވާ ބިލާލްގެފާނާއި ޚައްބާބު ބިން އަލްއަރައްތުގެ ކެތްތެރިކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މުސްލިމުންނަށް ޢިއްޒަތާއި ބާރު ލިބިފައިވަނީ މި ދީނުގެ ސަބަބުން ކަމަށާއި، ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، އިޖުތިމާޢީ އެއްވުންތަކުގައި ބަހާއި ޢަމަލުން ދީނުގެ ތައުލީމުތައް ދެއްކުމަށް މުއުމިނުންނަށް ގޮވާލާފައިވެއެވެ.
އަދި މުސްލިމުންނަކީ ﷲ އިސްލާމްދީނުން ޢިއްޒަތްތެރިކުރެއްވި ބައެއް ކަމަށާއި، އެ ނޫން ގޮތަކުން ޢިއްޒަތް ހޯދަން އުޅެފިނަމަ ނިކަމެތިވާނެ ކަމަށް ޢުމަރުގެފާނު ވިދާޅުވި ބަސްފުޅުވެސް ޚުޠުބާގައި ނަކަލުކޮށްފައިވެއެވެ.
"އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވި ބަޔަކީމުއެވެ. އެހެންކަމުނ،ް އިސްލާމްދީނުގެ ޢިއްޒަތް ނޫން އެހެން ޢިއްޒަތެއް ހޯދާން މަސައްކަތްކޮށްފި ނަމ،ަ މާތް ﷲ އަހަރެމެން ނިކަމެތިކުރައްވާނެއެވެ."
ދެވަނަ ޚުޠުބާގައި އަޅުކަން ޚާލިޞްކުރަންވީ ހަމައެކަނި ﷲ އަށް ކަމަށާއި، ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވެ، ދީނީ އުސޫލުތަކާ ޚިލާފު ކަންކަމުން ދުރުހެލިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަށް ގޮވާލައި، ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ޞުލްޙަމަސަލަސްކަމާއި އަމާންކަން މިންވަރުކުރެއްވުން އެދި ދުޢާކޮށްފައިވެއެވެ.


