Tuesday, 28 July 2026
ފޮޓޯ: ޓީޓީޖީ އޭޝިއާ

އަހަރު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް އަރައި، އެ ޤައުމަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި ހިމެނިއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން 60,515 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން އައި 64,147 ފަތުރުވެރިންނާ އަޅާބަލާއިރު %5 ގެ ދަށްވުމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތަކަށް ބަލާއިރު، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 162,305 ފަތުރުވެރިންނެވެ. ދެވަނައިގައި 144,552 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 84,787 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. އިންޑިއާ މާކެޓަކީ މީގެ ކުރިން އެއްވަނައިގައި އޮތް މާކެޓަކަށް ވުމާއެކު، އެ މާކެޓާއި އެހެނިހެން މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އިޚްތިޔާރުކޮށްފައިވަނީ ރިސޯޓްތަކެވެ. އެގޮތުން %71.8 ނުވަތަ 727,709 ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 238,417 ފަތުރުވެރިން، ހޮޓާތަކުގައި 24,978 ފަތުރުވެރިން އަދި ސަފާރީތަކުގައި 21,008 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 1,036,558 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނައިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *