Tuesday, 28 July 2026

އުރީދޫ ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައިފި

ރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

ރޭ ބޭއްވި އެ ރަސްމިއްޔާތުގައި، ވަނީ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް މުބާރާތާއި ކޮސްޕްލޭ އާއި އެފްސީ 24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތުގެ ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްފަ އެވެ.

އީއެފްސީ 24 އިން އެއްވަނައަށް ހޯދި މުހައްމަދު އައިމަން އަހުމަދަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައި ވެއެވެ. އެ މުބާރާތުގެ އިނާމުތަކަށް އުރީދޫން 40،000ރ. ދިނެވެ. އަދި އީއޭއެފްސީ 24 ގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ އިތުރުން ޓޮފް ސްކޯރާއަށް ވެސް އިނާމު ދިނެވެ.

ޓެކްކެން މުބާރާތުން އެއް ވަނަ ހޯދީ، އަހުމަދު އަބާން އެވެ. އޭނާ އަށް ވަނީ 5،000ރ. ގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. އެ މުބާރާތުގެ އެކި ވަނަތަކަށް 10،000ރ. ގެ އިނާމު ވަނީ ކަނޑައަޅާފަ އެވެ.

އުރީދޫން އެންމެ ބޮޑު އިނާމެއް ކަނޑައަޅާފައިވަނީ ޕަބްޖީ މޯބައިލް މުބާރާތަށެވެ. އެގޮތުން އެ މުބާރާތުން އެއްވަނަ ހޯދީ އީޓޫއެސް ޓީއެމްސެވެން ޓީމުންނެވެ. އެ ޓީމަށް ވަނީ 50،000 ރުފިޔާ ދީފައެވެ. ފަބްޖީގެ މޯބައިލް މުބާރަތުގެ ވަނަތަކަށް ހުރިހާ ފަރާތްތަކަށް އުރީދޫން ވަނީ 89،000 ރުފިޔާގެ އިނާމު ދީފައެވެ.

މި ގޭމިން ފެސްޓިވަލާ ގުޅޭ ގޮތުން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ވިދާޅުވީ، ތިން ދުވަހުގެ މުއްދަތަށް ބޭއްވި މުބާރާތުގައި 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު އެ ފެސްޓިވަލަށް އެއްހާހަށް ވުރެ މީހުން ޒިޔާރަތްކުރި ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އީ ގޭމިން ފެސްޓިވަލް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ އާ މުބާރާތްތައް އިތުރުކޮށްގެން ކަމަށެވެ.
"އޭގެ ތެރޭގައި އިންޓަ ސްކޫލް އީ ގޭމިން ޓޯނަމެންޓާއި ޔުނިވާސިޓީ އީ ގޭމިން ޓޯނަމެންޓާއި އަދި އިންޓަ އޮފީސް އީ ގޭމިން ޓޯނަމެންޓެއް ވެސް ބޭއްވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އުރީދޫން މަސައްކަތް ކުރަނީ އީ ގޭމިން ދާއިރާ ރާއްޖޭގައި ކުރިއަރުވައި، ރާއްޖެއަށް، ބޭރުގެ ގޭމިން މުބާރާތްތަކުގައި ގޯލްޑް މެޑަލް ލިބޭނެ ފަދަ ކުޅުންތެރިން އުފެއްދުމަށް ކަމަށެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *